ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ދިވެހިންނަށް ކުރެވެން ހުރި މަސައްކަތް ބިދޭސީންނަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން: ނައިބު ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިންނަށް ކުރެވެން ހުރި މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކައިލުމަށް މިއަދު ދަރުބާރުގޭގައި ފެށި "ހުނަރުވެނި 2019" ފެއާ، ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ، ކޮންމެ ގައުމެއްވެސް ކުރިއަރައިގެންދަނީ ބޭރު މީހުންނާވެސް އެކުގައިކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ދިވެހިންނަށް ކުރެވެންހުރި މަސައްކަތްތައް ބޭރު މީހުންނަށް ދޫކޮށްލުމަކީ ގައުމެއްގެ ހަޔާތަށް އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މަސައްކަތް ކުރުމަށް ބިދޭސީން ރާއްޖެ ގެނައުމަކީ ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ގައުމެއްގައި އުފެދިފައި އޮންނަ ހުނަރުތަކާއި މަސައްކަތްތެރިކަން، ގައުމެއްގެ ޒުވާނުންގެ އަތްމަތިން ބީވެ ގޮސްފި ކަމަށްވާނަމަ، ދެން އެކަންތައް ބަދަލުވެގެންދާނީ، މުޅިން އެހެން ބައެއްގެ އަތްމައްޗަށް ކަމަށެވެ.

ތަފާތު އެކި ހުނަރުތަކާއި ފަންނުތަކުން ރާއްޖޭގެ ރަށްރަށުގެ ޒުވާނުންނާއި ރައްޔިތުން ވަރަށް ބޮޑަށް ކުރިއަރާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ރަށްތަކުންވެސް މިއަދު ދަނީ އެކަންތައްތައް ބީވަމުން ކަމަށާއި ޒުވާނުންގެ ޝައުގުވެރިކަން، އެކަންތައްތަކަށް ކުޑަވެގެންދިޔުމަކީ މިއަދު ދިމާވެފައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ޝަކުވާތަކަށް ވިސްނައިފި ނަމަ، ލިބިވަޑައިގަންނަވާ އެންމެ ބޮޑު ޝަކުވާއަކީ، ދިވެހިރާއްޖޭގެ އާބާދީއާއި، ވަޒީފާގެ އަދަދުތަކަށް ބަލާއިރު ދިވެހިންގެ ތެރޭގައި އުޅެން ނުޖެހޭ މިންވަރަށް ބިދޭސީން އުޅޭ މައްސަލައެވެ.

ހއ. އަތޮޅުގެ ގިނަ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވުމުން، ވަރަށްގިނަ ޝަކުވާތައް، އެކިއެކި ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތު ހަނިވެފައިވާކަން ފާހަގަކުރި ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މީހުން ބިނާކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެން ޖެހޭނެ ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ބޮޑަށް ފެނިގެން ދިޔައީ ޒުވާނުން މުޅިންވެސް ކުޅިވަރާއި މަޖަލުގެ އަވާގައި ޖެހިގެން ތިބި މަންޒަރު ކަމަށެވެ. އަދި އެއީ ޒުވާނުންނަށް ހެޔޮއެދޭ ވެރިޔަކު ދުވަހަކުވެސް ކުރައްވާނެ ކަމެއް ނޫން ކަމަށާއި ގައުމު ތަރައްގީ ކުރުމަށްޓަކައި ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި މުޅި ދިވެހި ސަރުކާރުން އެންމެބޮޑަށް އަމާޒު ހިފާފައި ހުރީ ތައުލީމީ ކަންތައްތައް ރަނގަޅު ކުރުމަށް ކަމަށާއި ތައުލީމީ ހަޔާތް ނިމިގެންދާއިރު ދަރިވަރުންނަކީ ރަނގަޅު ދިރިއުޅުމެއް އުޅެވޭނެ، މަސައްކަތަށް އަހުލުވެރި ބަޔަކަށް ހެދުން ކަމަށެވެ.

މީގެއިތުރުން ވަށާޖެހިފައިވާ ތައުލީމެއްގެ ތެރެއިން ދަރިވަރުންނަށް ގިނަގުނަ ކަންތައްތަކެއް ދަސްކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި މީހަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން، ލިބޭ އެއްޗަކުން ހެޔޮގޮތުގައި ދިރިއުޅޭ މީހާކަމަށެވެ.

އަދި ވަޒީފާއަކީ ހަމައެކަނި ހުދު ގަމީސްލައި، ދަށަށް ޖަހައިގެން އޮފީހުގެ މޭޒު ކައިރީ އިނދެގެން ކުރާ މަސައްކަތް ނޫން ކަމަށާއި ރީތި ހެދުމެއްގައި ހުރެގެން އެކަނި ވަޒީފާއަދާކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.