ކ.މާފުށީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުން ޖަލުގެ ގޮޅިތަކަށް ވަނުމަށާއި، ގައިދީން މާލެގަނައުމަށް މަސައްކަތް ކުރަން ދެކޮޅު ހަދަމުންދާކަމަށް ރިޕޯޓް ކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ޖަލު އޮފިސަރުން މިކަންތައްތަކަށް ދެކޮޅުހަދައި އިހުތިޖާޖު ކުރަންފެށީ، މިދިޔަ ބުރާސްފަތި ދުވަހު، ޖަލުގައި ގައިދީންތަކަށް އަނިޔާކުރި މައްސަލައިގައި ޖަލު އޮފިސަރުންގެ މައްޗަށް ތަހުގީގު ހިނިްގަމުންގެންދާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.
ބުރާސްފަތި ދުވަހުގެ ހާދިސާގައި، ހަތް ގައިދީއަކަށް އަނިޔާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ، ރިމާންޑް ޖަލުގައި ބަންދުކޮށްފައިވާ މީހުން ތިބި ހަތަރު ނަންބަރު ޔުނިޓްގައި ހިނހި ކަމަކާ ގުޅިގެން ހިނގައިދިޔަ މިހާދިސާގައި ޖަލު އޮފިސަރަކަށްވެސް އަނިޔާ ވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ކޮމިޝަނާ ޖެނެރަލް ވިދާޅުވިއެވެ.
މާފުށީ ޖަލުުގެ އޮފިސަރުންތަކެއް މިއަދު އިހުތިޖާޖު ކުރަމުންދަނީވެސް ހަތަރު ނަމަބަރު ޔުނިޓަށް ނުވަނުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން އެ ތަނުގައި ޖަލު އޮފިސަރުންނަށް ރައްކާތެރިކަން ނެތް ކަމަށް އެމީހުން ބުނަމުން އަންނަ ކަމަށް ޖަލު އޮފިސަރަކު ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެފަދަ އެއްވެސްކަމެއް ޖަލުގައި ހިނގަމުން ނުދާ ކަމަށެވެ.
އެކަމާބެހޭ މައުލުމާތު ދެއްވަމުން މޯލްޑީވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަމުުހަދު ނަސީމު ވިދާޅުވީ، ޖަލުުގެ ކުރިހާ އޮފިސަރުން ވެސް ބަރާބަރަށް ޑިއުޓީއަށް ނިކުމެ ޖަލުގެ އޮޕަރޭޝަން އާއްމު އުސޫލުން ކުރިއަށްދާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ޖެހިގެން ނޫޅޭ ކަމަށާއި އޮފިސަރުންގެ އިހުތިޖާޖެއް ކުރިޔަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން، ހޯމް މިނިސްޓްރީގެ ބަހެއް ހޯދައިލުމަށް ގުޅައިލުމުން މީޑިއާ އޮޝަލް ފޯނު ނުނަންގަވާތީ އެ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މާފުށީ ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ހަ ގައިދީއަކަށް އަނިޔާކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން މާފުށީ ޖަލުގެ ހާލަތު ގޯސްްވެފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވެއެވެ.