ޚަބަރު

މެދުކެނޑުމަކަށްފަހު އޮމާން އެއާގެ ދަތުރުތައް އަލުން ފަށައިފި

މުހައްމަދު އައުޒަމް

އޮމާންގެ ޤައުމީ އެއާލައިން އޮމާން އެއާގެ ދަތުރުތައް މެދުކެނޑުމަކަށްފަހު އަލުން ފަށައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ފެށުނު އޮމާން އެއާގެ ފްލައިޓު މިއަދު މެންދުރު 01:30ގައި ޖެއްސުމާއެކު އެމްއޭސީއެލް އިން ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. ފްލައިޓް ރަންވޭއިން ޓެކްސީވޭއަށް ވަނުމާއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވަފައެވެ. އަދި މަރުހަބާ ދެންނެވުމަށް އެމްއޭސީއެލްއާއި އޮމާން އެއާގެ ރާއްޖޭގެ ޖީއެސްއޭ ސަން ސިޔާމް ގްރޫޕްގެ ސަން ޓްރަވަލްސް އެންޑް ޓުއާސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފްލައިޓް ރަންވޭއިން ޓެކްސީވޭ އަށް ވަނުމާއިއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވަނީ

އޮމާން އެއާއިން މަސްކެޓުން ރާއްޖެއަށް ހަފްތާއަކު ހަ ދުވަހު ޝެޑިއުލް ފްލައިޓު ދަތުރު ކުރަން ހަމަޖެހިފައިވެއެވެ. އަދި ރާއްޖެއިން މަސްކެޓަށް ހަފްތާއަކު ހަތަރު ދުވަހު ޝެޑިއުލް ފްލައިޓު ދަތުރު ކުރަން ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ދަތުރުފެށުމުގެ ކުރިން އޮމާން އެއާއިން ނެރެފައިވާ ބަޔާނެއްގައި އޮމާން އެއާގެ ސީއީއޯ އަބްދުލްއަޒީޒް އަލް ރައިސީ ވިދާޅުވެފައިވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާތީ އުފާވާ ކަމަށާއި އޮމާން އެއާގެ އެންމެ ފަހުގެ ބޯއިންގ 737 މެކްސް އެއާކްރާފްޓްގައި ދަތުރުކުރުމަށް އޮމާން އެއާގެ ހުރިހާ ގެސްޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަހަރުމެން އެދެނީ ޔޫރަޕް އަދި އޮމާން އެއާ ދަތުރުކުރާ އެހެން ޑެސްޓިނޭޝަންތަކުގައި ތިބި އެކުވެރިން ރާއްޖެ ދަތުރުކުރާއިރުވެސް ހިތްގައިމު އޮމާންގެ ރޫޓުން އޮމާން ބަލާލުމަށް ފަހު ދަތުރުކުރަން
އޮމަން އެއާގެ ސީއީއޯ އަބްދުލްއަޒީޒް އަލް ރައިސީ

އޮމާން އެއާގެ ފްލީޓަށް މިއަހަރުގެ ޖެނުއަރީމަހު އިތުރުވި އާ އެއާކްރާފްޓް ބޯއިންގ 737 މެކްސް މެދުވެރިކޮށް ރާއްޖެއަށް ކުރާ ދަތުރުގައި އޮމާން އެއާއިން ދޭނީ އެވޯޑު ވިނިންގ ސާވިސްއެއް ކަމަށް އޮމާން އެއާގެ ބަޔާނުގައިވެއެވެ.

ބޯއިންގ 737 މެކްސްގެ އެއާކްރާފްޓްގައި ބިޒްނަސް ކްލާސް 12 ސީޓު ހުންނައިރު 17 އިންޗީގެ ޓަޗްސްކްރީން ޑިސްޕްލޭ ހަރުކުރެވިފައި ހުންނާނެއެވެ. އެންމެ ފަހުގެ މި އެއާކްރާފްޓްގައި ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އޮމާން އެއާގެ ބަޔާނުގައި ބުނެފައިވެއެވެ.