ޝަހީދާ އަބްދުﷲ ސައީދު
ޑިއުޓީ މައާފުކޮށްފައިވާ ޑީސަލް މަސްވެރިކަން ކުރާ މަސް ދޯނި ފަހަރަށް ވިއްކުމަށް ބޭނުންކުރާ އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
"ފަހި ހަކަތަ" ގެ ނަމުގައި ތައާރަފުކުރި މި އެޕްލިކޭޝަން މިހާރު ޕްލޭ ސްޓޯރުން ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ބުނެފައިވެއެވެ.
އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ ހަމައެކަނި މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށް އެކަންޏެވެ. އެގޮތުން ޑީސަލް ޕްރޮގްރާމްގައި މަސްވެރިންނަށް ބައިވެރިވެވޭނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
ފިޝަރީޒު މިނިސްޓްރީން މިމަހު 20 ވަނަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ހުޅުވާލުމުގެ ކުރިން ކަމާބެހޭ މައުލޫމާތު ހާމަކުރާނެ ކަމަށެވެ. އަދި އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ހުޅުވާލުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ގުޅިގެން އެ އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެސްޓް ކުރުމަށްފަހު ޑިއުޓީ އުނިކޮށް ޑީސަލް، މަސްވެރިކަންކުރާ އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލާނެ ކަމަށް ކުރިން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން ލައިސަންސް ނެތް އުޅަނދުތަކުން މަސްވެރިކަމުގެ ލައިސަންސް ނަގަން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން އެޕްލިކޭޝަނާއި ލައިސަންސަށް އެދޭ ފޯމް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް ވެސް ފިޝަރީޒު މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ޑީސަލުން ނަގާ ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމާފައިވާތީ، އެކަން ތަންފީޒު ކުރަން އެކުލަވާލަފައިވާ އުސޫލެއް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.