އިބްރާހިމް ޒަކީ
ރިމާންޑްގައި ޖަލުގައި ތިބި މީހުންގެ ކަންތައް އަވަސް ކުރުމަށް އެފަދަ މީހުންގެ ލިސްޓެއް ޕްރޮސެކިއުޓާ ޖެނެރަލާއި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އެއްކޮށްލައިގެން ބޭއްވި މަޖިލީހުގެ ކޮމިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ހިނގި ކަންތައްތަކާ ގުޅިގެން، ކަންހިނގި ގޮތުގެ މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނެރަލް ވިދާޅުވީ، ރިމާންޑް ޖަލުގައި ތިބޭމީހުންގެ ކަންތައް އަވަސްކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖެނުއަރީމަހުގައި ކަމަށެވެ. އޭގެ އެއްމަސް ފަހުން ހަމަ އެ އެ މައްސަލަތައް އަވަސް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ކޮމިޝަނާ ޖެނެރަލް ވިދާޅުވިއެވެ.
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ހުކުމެއްނެތި ގިނަ އަހަރުތަކެއް ވަންދެން ޖަލުގައި ބަހައްޓަން ޖެހުމުން އެފަދަ މީހުން ތިބެނީ، ވިސްނުން ދަށްވެ ރުން ކުރުވެ، ޖަލު އޮފިސަރުންނަށް ހަމަލާދޭން ބޭނުން ވެފައި ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ހާދިސާ ދިމާވި ގޮޅިއަކީވެސް ރިމާންޑްގައި މީހުން ތިބި ގޮޅިއެއް ކަމަށް އޭނާ ވިދާާޅުވި އެވެ.
"މިކަން ދިމާވި ޔުނިޓް ހަތަރަކީ، ރިމާންޑްގަ މީހުންތިބޭތަނެއް. ހުކުމުގަ ނޫން ގޮތަށް މީހުން ތިބޭ ތާނެއް. އަޅުގަނޑަށް ފާހަގަ ކުރެވޭ އެންމެބޮޑު ކަމަކީ މީހަކު ކުށެއް ކުރުމުގެ ތުހުމަތުގައި ޖަލަށް ގެނެސްފަ މުއްދަތެއްނެތި ބަހައްޓައިފަ ހަތަރު އަހަރު ފަސް އަހަރު މިހެން ދިޔައިމަ ވާގޮތަކީ، އެތާ ހުންނަ މީހާވެސް ހުުންނަނީ ކުރީގަ ހުރި ވިސްނުމަށްވުރެވެސް ދަށްވެފަ. ހުންނަނީ މީހާ ރުން ކުރުވެފަ ރުޅި ގަދަ ވެފަ. އެހެންވީމަ ކުރިމަތިލާން އަބަދުވެސް ބޭނުންވެފަ ތިބެނީ. އަޅުގަނޑުވެސް ގަބޫލެއް ނުކުރަން އެހާ ދުވަހު ރިމާންޑްގަ ހުންނަންޖެހޭނެ ކަމަކަށް. މިކަމަށް އަޅުގަނޑުމެން ފިޔަވަޅެއް އެޅިން. ފުރަތަމަ ކަމަކަށް، ހުރިހާ ގޮތަކުންވެސް، ޖެނުއަރީމަސް ތެރޭގައި އެގޮތަށްތިބި ހުރިހާ މީހުންގެ ލިސްޓެއް ނަގައިފަ ޖެނުއަރީމަހު އަޅުގަނޑުމެން ޕީޖީއާ ބައްދަލުކުރިން ޕީޖީއަށް ދެންނެވިން މިކަން އަވަސް ކޮށްދޭށޭ. ޕީޖީގެ ރިކުއެސްޓަކަށް ހަމަ ގައިމުވެސް އެގޮތަށް ބައިތިއްބާނީ. އޭގެ ބަރާބަރު އެއްމަސްދުވަސްވީ ދުވަހު އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ލިސްޓެއް ހިފައިގެން މައްސަލަ ހުހެޅިން އަވަސް ކޮށްދެއްވާށޭ،"
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ރިމާންޑްގައި ތިބޭ މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެހެން ކަމުން އެމީހުންނާއި ކުށްވެރިންނާ ޖަލުުގައި ތަފާތުވާނެ ކަމަށެވެ.