ޚަބަރު

ޖަލުުގެ ހާލަތު ގޯސްވީ އޮފިސަރުން ގަވާއިދުތަކާ ހިލާފަށް އަމަލު ކުރުމުން: ކޮމިޝަނަރ

އިބްރާހިމް ޒަކީ

ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގެ ހާލަތު ގޯސްވީ ޖަލުގެ އޮފިސަރުން ޖަލުގައި ހަމަޖެހިފައިހުރި ގަވާއިދުތަކާ ހިލާފަށް އަމަލު ކުރި ގޮތަކުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން، ޖަލުުގައި އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ދެއްވުމަށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރ ވިދާާޅުވީ، އެހާދިސާ މިހާދިސާ ހިނގީ، ޖަލުގައި ގަވާއިދުތައް އިސްލާހު ކުރެވިފައި ނެތިގެނެއްނޫން ކަމަށެވެ.

"ހިއުމަން ރައިޓް ވައިލޭޝަން ޖަލުގައި ކުރީގައި ހިނގާފަ އެބަހުރި، އެކަންކަމަށް ރިއާޔަތް ކޮށްފަ ޖަލުގެ ގަވާއިދުތައް ވަނީ އިސްލާހު ކޮށްފަ. ކުރިިން ހުރި ގަވާއިދުތަކުގައިވެސް، ގަވާއިދުގަ ލިޔެފަ ހުރި ގޮތުން ވެސް އެއްވެސް މީހަކަށް އަނިޔާވެގެންނުވާނެ. މިހާރު އަމަލު ކުރަމުންދާ ގަވާއިދުގައިވެސް، ގަވާއިދުން އަމަލުކުރިނަމަ އެއްވެސް އޮފިސަރަކަށް އަދި ގައިދީއަކަށްވެސް އަނިޔާ ވުމުގެ ފުރުސަތެއް ނޯންނާނެ،" ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަނުޖެހުން ހިނގީ މާފުށީ ޖަލުގެ ޔުނިޓް 4 ގައިމަސައްކަތް ކުރާ އޮފިސަރެއް ކައިޜީގައި، އެތަނުގައި ހުރި ގައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން ބުނުމުން، އޮފިސަރު އެކަމަށް އިންކާރުކޮށް ދެކެވުނު ވާހަކަތަކަކާއި ގުޅިގެން ކަމަށެވެ. އަދި އެތަނުގައި އުޅޭ އެހެން އޮފިސަރުން ވެސް އެ ޒާތުގެ ތަކެތި ގެނެސްދޭ ކަމަށް ބުނެ އޮފިސަރާ މެދު ނުރުހުން ފާޅުކުރުމުން، އޮފިސަރުގެ ބަސްމަގު ހުރިގޮތުން ރުޅި އައިސްގެން ހަމަލާދިނީ ކަމަށް ގައިދީ ބުނެފައިވާ ކަމަށް އޭނާ ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރް ވިދާޅުވީ، ގައިދީނަން އަނިޔާކުރަން ދިމާވި ހާދިސާ ހިނގީ 16 އިންޗީގެ އެނބުރި ދަގަނޑެއް ގައިދީއަތުން އޮފިސަރުން އަތުލަން އުޅުމުގެ ތެރޭގަައި ހިނގި ކަމަކާގުޅިގެންކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.