ޚަބަރު

ޖަލު ހާދިސާއާގުޅިގެން ކޮމިޓީއަށް ވަޑައިގެންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އެކަނި

އިބްރާހިމް ޒަކީ

1

ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ބައެއް އިސް އޮފިސަރުން ހާޒިރުކުރަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިރޭ ހާޒިރުވެ ވަޑައިގެންނެވީ، ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެކަންޏެވެ.

މިރޭ 8:30 ގައި ކޮމިޓީގެ ބައްދަލުވުން ފަށާފައިވަނީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އެއްކޮށްލައިގެންނެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަކީވެސް ޖަލުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ހޯމް މިނިސްޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން ހާޒިރު ކުރަން ނިންމާފައިވާ ކޮމިޓީއެކެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުން ރައްޓަވަމުން ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ހޯމް މިނިސްޓަރު ރަސްމީ ދަތުރު ފުޅެއްގައި ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތުމާ ގުޅިގެން ކޮމިޓީއަށް ހާޒިރުވެ ވަޑަައިނުގެންނެވުނީ ކަމަށެވެ. އަދި ދެން ދައުވަތު ދެއްވި ބޭފުޅުންވެސް އެކި ސަބަބު ތަކާހުރެ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ޖަވާބު ދެއްވުމަަށްފަހު އާއްމުކޮށް ހާމަކުރަން ނުޖެހޭ މައުލޫމާތުތަކެއް ހުރުމާއެކު 9:30 އެހާކަންހާއިރު ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްްރު ބައްދަލުވުމަކަށް ބަދަލުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟