ޚަބަރު

ޖަލުގައި އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ނުކުރެވޭނެގޮތަކަށް އިންތިޒާމް ކުރާނަން: ހޯމް މިނިސްޓަރު

އިބްރާހިމް ޒަކީ

ޖަލުގައި ހާދިސާއެއް ހިނގުމުން އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ނުކުރެވޭނެގޮތަކަށް ޖަލުގެ ކަންތައް އިންތިޒާމް ކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ކ.މާފުށީ ޖަލުގައި ގައިދީން ތަކަކަށް އަނިޔާކުރި މައްސަލައާ ބެހޭގޮތުން ނޫށްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން މިއަދު ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ އެތައްއަހަރެއް ވަންދެން ހައްލެއް ނައިސް އޮތްތަނެއް ކަމަށެވެ. އެހެންކަމުން އެކަން ހައްލުކޮށް ޖަލަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަމަށެވެ.

"ރާއްޖޭގެ ޖަލުތަކަކީ އެތައް އަހަރެއް ވަންދެން ހައްލެއް ނައިސް އޮތްތަނެއް. އެހެންވީމާ އެކަން ހައްލުކޮށް ޖަލަށް ހެޔޮބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރި. އެހެންވީމާ އެކަންކުރުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަދެމިތިބީމު. އަޅުގަނޑު ޔަޤީންކަން ދެން އިރާދަކުރެއްވިއްޔާ މިހާލަތުން އަރައިގަތުމާހަމައަށް ގެންދަން އަޅުގަނޑުމެން މަސައްކަތްކުރާނަން. މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް، ހާދިސާއެއް ހިނގުމުން އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުން ނުކުރެވޭނެގޮތަކަށް އިންތިޒާމް ކުރުމުގެ ކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާފުށީޖަލުގަިއ ހިނހާދިޔަ ކަންތައް ތަހުގީގުކޮށް ނިމި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރުމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަންސްއަށް އެންގެވުމާ ގުޅިގެން އެމަސައްކަތް އިންސްޕެކްޓަރ އޮފް ކަރެކްޝަން ގެންދަވަނީ ކުރައްވަމުން ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޖަލުތަކުގައި ގައިދީންނާމެދު އަމަލުކުރަނީ އެމީހުންނާމެދު އަމަލުކުރަންވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ ބެލުމަކީ އިންސްޕެކްޓަރ އޮފް ކަރެކްޝަންސްގެ ޒިންމާއެކެވެ. އެޤާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭކަމަށް ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުޤީގުކޮށް މިނިސްޓަރަށް ރިޕޯރޓް ހުށައަޅަންވާނެކަމަށެވެ. އެމަސައްކަތް އިންސްޕެކްޓަރ އޮފް ކަރެކްޝަންސް ގެންދަވަނީ ކުރައްވަމުންނެވެ.