ޝަހީދާ އަބްދުﷲ ސައީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައުމަށް ދަތުރުކުރި އަންހެނެއްގެ ލަގެޖް ހިފައިގެން ޑްރައިވަރު ދިޔުމަށްފަހު އަނބުރާ ލަގެޖް ދިނުމަށް އިތުރު 100 ރުފިޔާ ޗާޖުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެމުން ޓެކްސީގައި ދަތުރުކުރި އަންހެންމީހާ ބުނީ މިއަދު ހެނދުނު 10:00 ހާއިރު ރިސޯޓުގައި ހުރެފައި މާލެއައީ އިންޓަނޭޝަނަލް މުބާރާތެއްގައި ބައިވެރިވުމަށް މާދަމާ ރާއްޖެއިން ބޭރަށް ފުރަން ހަމަޖެހިފައި އޮތުމުން ކަމަށެވެ.
ރިސޯޓެއްގައި ޝެފެއްގެ ވަޒީފާ އަދާކުރަމުން އަންނަ އެ އަންހެންމީހާ ބުނިގޮތުގައި އޭނާ ޓެކްސީއަށް އެރީ އެއާޕޯޓް ކުރިމަތީ އޮންނަ ޓެކްސީ ކިޔުގައި އެންމެ ކުރީގައި އޮތް ޓެކްސީއަށެވެ. ނަމަވެސް އެއީ ކޮން ސެންޓަރެއްގެ ޓެކްސީއެއްތޯ ބަލައި ނުލެވުނު ކަމަށާއި އަދި ޓެކްސީގެ ނަންބަރެއް ވެސް ބަލަން ހަނދާން ނުވި ކަމަށް އޭނާ ބުންޏެވެ.
ޓެކްސީގައި އޭނާ ދާން ބުނި ތަނަށް ގެންގޮސް ދިނުމުން ޓެކްސީން ފޭބިގޮތަށް ޑިކީ ކައިރިއަށް ގޮސް ލަގެޖް ނަގަން ބެލި އިރު ޑިކީ ތަޅުލާފައި ހުރުމުން ނެގޭ ގޮތް ނުވެގެން، ޑިކީގައި ޖަހައިލުމުން ވެސް ލަގެޖު ނަގައިނުދީ ޑްރައިވަރު ލަގެޖާއެކު ނައްޓާލީ ކަމަށް އޭނާ ބުންޏެވެ.
''އެއާޕޯޓު ކުރިމަތިން ކިޔޫގައި އޮތް ޓެކްސީ ދައްކާފައި އެތާނގަ ހުރި މީހާ ބުނީ އަރާށޭ. ޓެކްސީއަށް ލަގެޖްް ލައިދިނީ ޑްރައިވަރު. މާލެ އައިސް ބުނިތަނަށް މަޑުކުރުމުން ފައިބާފަ ދިޔައީ ލަގެޖް ނަގަން. ބެލިއިރު ތަޅުލާފައި ހުރުމުން ޑިކީގައި ޖަހައިލުމުންވެސް ޑްރައިވަަރު އަޅައިނުލައި ނައްޓާލަން ހެދީމަ ވަރަށް ބާރަށް ޑީކީގައި ތެޅިން. އެކަމަކުވެސް އަޅައިނުލައި ލަގެޖާއެކު ދިޔައީ. ޓެކްސީއަށް ލަގެޖް އެރުވީވެސް ޑްރައިވަރު. އެކި ގޮތްގޮތުން ޓެކްސީ ހޯދުމަށް މަސައްކަތް ކުރަނިކޮށް ޑްރައިވަރު ގުޅާފަ ބުނީ ލަަގެޖް ހުރީ ހުޅުމާލޭގައި ކަމަށް، ހުޅުމާލޭގެ ސެންޓަރެއްގެ ކާރެއް ކަމަށް ބުނި. ލަގެޖް ގެންދެވޭނީ އިތުރަށް 100 ރުފިޔާ ދީގެންނޭ ބުނީ. '' އޭނާ ބުންޏެވެ.
އޭނާ ބުނީ ލަގެޖް ހޯދުމަށް މަލޭގެ ޓެކްސީ ސެންޓަރު ތަކަށް ގުޅި ނަމަވެސް އެއްބާރުލުންދީ އޭނާއަށް އެހީތެރިވެދިނީ 3322122 އާއި 3321313 އިން ކަމަށެވެ. ސެންޓަރުތަކުން އޭނާގެ މޯބައިލް ނަންބަރު ނެގި ކަމަށް ވެސް އެމީހާ ބުންޏެވެ. އެ ދެ ސެންޓަރުގެ އެހީތެރިކަމާއެކުވެސް ޓެކްސީ ހޯދިފައި ނުވާތީ، އެކަން ފުލުހުންނަށް ރިޕޯޓް ކުރުމަށް ނިންމައި ފުލުހުންގެ މަރުކަޒަށް ވަންނަނިކޮށް މޮބައިލް ނަންބަރަކުން ގުޅުމަށްފަހު ލަގެޖް ހިފައިގެން ދެވޭނީ އިތުރަށް ސަތޭކަަ ރުފިޔާ ދިނުމުން ކަމަށް ބުނެފައިވާ ކަމަށެވެ.
އިތުރަށް ސަތޭކަ ރުފިޔާ ދިނީ ލަގެޖް މުހިންމު ވެފައި މާދަމާ ގައުމުން ބޭރަށް ފުރަންޖެހޭތީ ކަމަށް އޭނާ ބުންޏެވެ. އެއާޕޯޓުން އޭނާ މާލެ އައީވެސް 100 ރުފިޔާ ދީގެންނެވެ. އެހެންކަމުން މުޅި ދަތުރު ނިންމާލެވުނީ 200 ރުފިޔާ ދީގެން ކަމަށް އޭނާ ބުނެފައިވެއެވެ.