ރީތި ގޮތަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްކެވި ރީތި ނަމޫނާ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ދެއްކެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވި އިރު، އިބޫ ހުވާކުރައްވާ ދުވަހެއްގެ ގޮތުގައި ނޮވެމްބަރު 17 ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއަށްފަހު ދެން އޮންނާނީ ކޮމިޓީން އެ ނިންމި ނިންމުމަށް މަޖިލީހުގައި ވޯޓަށް އެހުމެވެ.
ރޮޒެއިނާ ވިދާޅުވީ ކުރިންވެސް އޮންނަ ގޮތަށް ނޮވެމްބަރު 11ގައި ހުވާކުރުމުގެ ކަންކަން ހަމައަކަށް އެޅުވުމަށް އެ ދުވަހު ރައީސް ޔާމީނަށް އިސްތިއުފާދެއްވިދާނެ ކަމަށެވެ. އަދި ނޮވެމްބަރު 11ގައި ހުވާ ނުކުރެވުނީ ވެސް ރައީސް ޔާމީންގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މީގެ ރީތި ގޮތަކީ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެއްކެވި ރީތި ނަމޫނާ ރައީސް ޔާމީން ވެސް ދެއްކެވުން. އަދިވެސް ރައީސް ޔާމީނަށް ނޮވެމްބަރު 11ގައި އިސްތިއުފާ ދެއްވިދާނެ މިކަން ހަމައަކަށް އަޅުވަން. ނޮވެމްބަރު 11ގައި ހުވާ ނުކުރެވުނީ ވެސް ރައީސް ޔާމީންގެ ސަބަބުން،" ރޮޒެއިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ކުރިއަށްއޮތް ދައުރުގެ ހުވާކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށޭ ބުނާނެ ޖާގައެއް ދޭން ބޭނުންނުވާ ކަމަށާއި އެހެންކަމުން އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް ހުވާކުރައްވާ ދުވަހެއް ކަނޑައެޅުމަށް އެދޭ ކަމަށެވެ.