އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގަދަކަމަކީ، މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާ ސިއްރު ނުކުރުމާއި، ބަލަން ފަސް ނުޖެހުން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސް ފަތި ދުވަހު ކ. މާފުށީ ޖަލުގައި ގައިދީން ތަކަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން، މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުތަކުގައި ނުބައި އަދި ރަނގަޅު ގައިދީން އުޅޭ ކަމަށާއި، ރަނގަޅު އަދި ގޯސް އޮފިސަރުންވެސް ތިބޭ ކަމަށެވެ.
އަދި އެ ހާދިސާގައި ދިމާވެގެން އުޅޭ މައްސަަލައިގެ ހަގީގަތް އެނގޭނީ ތަހުގީގު ކުރުމުން ކަމަށާއި، އެތަން ތަހުގީގު ކުރުމަށްފަހު، އެކަމުގައި ގޯހީ ގައިދީންތޯ ނުވަތަ އޮފިސަރުންތޯ ބުނަން ވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ޖަލުގައި ނުބައި އަދި ރަނގަޅު ގައިދީން އުޅޭ، ރަނގަޅު އަދި ގޯސް އޮފިސަރުންވެސް އުޅޭ. ދިމާވެގެން އުޅޭ މައްސަަލައިގެ ހަގީގަތް އެނގޭނީ ތަހުގީގު ކުރުމުން. އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގަދަ ކަމަކީ. އެކަންކަން ސިއްރު ނުކުރުުން. ބަލަން ފަސް ނުޖެހުން ގޯހީ ގައިދީންތޯ، އޮފިސަރުންތޯ ބުނަން ފަސް ނުޖެހޭނެ،" މަހްލޫފު ޓްވީޓުުގައި ވިދާޅުވެފައިވެއެވެ.
ބުރާސްފަތި ދުވަހު ކ. މާފުށީ ޖަލުގެ ގައިދީންތަކަކަށް އަނިޔާކުރި މައްސަލަތަކަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މާފުށީ ޖަލަށް ވަޑައިގެންފައެވެ. ހޯމް މިނިސްޓްރީން ބުނީ މިނސްޓަރު އިމްރާން އަބުދުﷲ މިއަދު މާފުށީ ޖަލަށް ވަޑައިގެން ޖަލުގައި އެހާދިސާ ހިނގައިދިޔަ ގޮތުގެ މައުލުމާތު އޮޅުން ފިލުއްވެވި ކަމަށެވެ.
އަދި މިހާދިސާގައި، ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދު މީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައި ނުގަންނަ އަދި އެކަން ކުށްވެރިކުރާ ކަންކަން ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވި ކަމުގެ ހަބަރު ލިބުމާއެކު، އެރޭ ވަގުތުން ހޯމް މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސެސް އާއި އިންސްޕެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.