މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް އަނިޔާކޮށްފައިވަނީ މޫނު ބަނދެ، ފަހަތަށް ބިޑިއަޅުވައިގެން ކަމަށް މައުލޫމާތުލިބޭ: މޫސާ ސިރާޖު

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ގައިދީންނަށް އަނިޔާ ދީފައިވަނީ މޫނު ބަނދެ، ފަހަތަށް ބިޑިއަޅުވައިގެން ކަމަށް، މަންޒަރު ދުށްފަރާތަކުން މައުލޫމާތު ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލުގައި ގައިދީންނަށް އަނިޔާކޮށްފައިވަނީ މޫނު ބަނދެ، ފަހަތަށް ބިޑިއަޅުވައިގެން ކަމަށް މަންޒަރު ދުށް ފަރާތުން ބުނެފައިވާކަމަށެވެ.

އަދި ޖަލުތަކުގައި އަނިޔާކުރާ ސަގާފަތަށް އަދިވެސް އެއްކޮށް ނިމުން ނާންނަ ކަމަށާއި އެކަން ހުއްޓުވޭނީ އެކަމުގައި ބައިވެރިވި ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅު އެޅިގެން ކަމަށް ސިރާޖުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާނެ ކަމެއް ނޫން ކަމަށާއި ޖަލު ހަލަބޮލުކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ ކަމަށެވެ. އަދި އަނިޔާ ދިނުމުގައި ބައިވެރިވި ފަރާތްތަކަށް އަދަބު ދޭން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލިކުރުމަށް ކުރާ ކަންކަމުން ކަރެކްޝަންސްގެ އޮފިސަރުން އެއްކިބާވާން ނަސޭހަތްތެރިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިނސްޓަރު އިމްރާން އަބުދުﷲ މިއަދު ވަނީ މާފުށީ ޖަލަށް ވަޑައިގެން ޖަލުގައި އެހާދިސާ ހިނގާދިޔަ ގޮތުގެ މައުލުމާތު އޮޅުން ފިލުއްވާފައެވެ.