މާފުށީ ޖަލުގައި މި މަހުގެ 20 ވަނަ ދުވަހު ހިނގައި ދިޔަ ހާދިސާގައި، ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދު މީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައި ނުގަންނަ އަދި އެކަން ކުށްވެރިކުރާ ކަންކަން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތިދުވަހު ހަވީރު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވެއްޖެ ކަމުގެ ހަބަރު ލިބުމާއެކު، އެރޭ ވަގުތުން ހޯމް މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސެސް އާއި އިންސްޕެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ހާލަތު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރައްވައިފަ އެވެ.
މި ހަމަނުޖެހުމުގައި، ކަރެކްޝަނަލް ސާވިސެސްގެ އޮފިސަރަކަށް ބަންދުގައި ހުރި މީހެއްގެ ފަރާތުން އަނިޔާވުމުގެ ސަބަބުން މާފުށީގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެއަށް ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓު ކުރިކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
"ބަންދުގައި ތިބި ބައެއް މީހުންނަށް އެކި ވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާކަމާއި ބަންދުމީހުން ކޮންޓްރޯލު ކުރުމުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބަންދުމީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރެވިފައިވޭ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ، މި މައްސަލައާ ގުޅިގެން، އަނިޔާ ލިބުނު ބަންދުމީހުންނަށް ލަސްނުކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް މާފުށީ ޖަލުގެ ޑިރެކްޓަރު އޮފް ޕްރިޒަންސް އަށް ވާނީ އިރުޝާދު ދީފަ އެވެ.
އެ މިނިސްޓްރީން ބުނީ އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސެސް، މި މައްސަލައާ ގުޅޭ ގޮތުން ހިންގަވާ ތަހުގީގު ނިމުމުން އިހުމާލުވާ ފަރާތްތަކާ މެދު އަޅަންވާ ފިޔަވަޅު އަޅައި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.