މާފުށީ ޖަލުގައި ގައިދީން ހަޅުތާލު ނުކުރާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނުމުން، އެކަން ދޮގުކުރުމަށް ގައިދީން ވީޑިއޯ މެސެޖެއް އާންމުކޮށްފިއެވެ.
އިއްޔެ ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު ގައިދީން ފަރުވާއަށް ގޮޅިން ބޭރަށް ނުނެރުމުގެ ސަބަބުން ޖަލުގައި މިއަދު އިހުތިޖާޖު ކުރަމުންދިޔަ ނަމަވެސް، އެކަން ކަރެކްޝަންސް އިން ދަނީ ދޮގުކުރަމުންނެވެ.
ކަރެކްޝަންސް އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިއަދާއި މިރޭ ވެސް މާފުށީ ޖަލުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިނގަމުން ނުދާ ކަމަށާއި މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ކުރީގެ ތާރީހެއްގެ ވީޑިއޯއެއް ކަމަށެވެ.
ހަޅުތާލުކުރާ ކަން ދައްކުވައިދޭ އެ ވީޑިއޯތަކަކީ ކުރީގެ ވީޑިއޯތަކެއް ކަމަށް ކަރެކްޝަންސް އިން ހާމަކުރިތާ މާގިނައިރުތަކެއް ނުވަނީސް، ކަރުދާސް ގަނޑެއްގައި ލިޔެފައިވާ މެސެޖެއް ވީޑިއޯއަކުން އާންމުވެގެންދިޔައެވެ. އެ ވީޑިއޯގައި ގައިދީން އިހުތިޖާޖު ކުރާ އަޑުވެސް އިވިގެންދެއެވެ.
ކަރުދާސް ގަނޑުގައި ލިޔެފައިވާ އެ މެސެޖުގައި ބުނެފައިވަނީ ކަރެކްޝަންސް އިން ދޮގު ނުހެދުމަށާއި ގައިދީން ތިބީ އިހުތިޖާޖުގައި ކަމަށެވެ. އަދި އަނިޔާ ލިބުނު ގައިދީން ފަރުވާއަށް ފޮނުވައިދިނުމަށް ވެސް އެ މެސެޖުގައި ބުނެފައިވެއެވެ. އެ މެސެޖުގައި މިއަދުގެ ތާރީހު ވެސް ހިމަނާފައިވެއެވެ.
އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ދެ ގޮޅިއެއްގައި ތިބި ގައިދީންތަކަކަށް އަނިޔާ ލިބިފައިވެއެވެ. ފަސް ގައިދީއަކަށް އަނިޔާ ލިބިފައިވަނީ ފަހަތަށް ބިޑި އެޅުވުމަށްފަހު ބިންމައްޗަށް ވައްޓާލައި މުގުރުން ތެޅުމުގެ ސަބަބުންނެވެ. އޭގެ އިތުރުން އެ ގައިދީންގެ ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް އަމާޒުކޮށް އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި ޖަލުގެ ޔުނިޓް ހަތަރެއްގައި ގައިދީން އިހުތިޖާޖުތައް ކުރިއަށްގެންދާތާ ގިނަ އިރުތަކެއް ވެއްޖެއެވެ. އެ ޔުނިޓަކީ އެ ހަމަނުޖެހުންތައް ހިނގި ޔުނިޓެވެ.
އިއްޔެ ގައިދީންތަކަކަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ވެސް ކަރެކްޝަންސް އިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުގެ ސަބަބުން އަނިޔާވި ކަމަށް ބުނެފައިވެއެވެ.
ގައިދީންނަށް އަނިޔާ ލިބުނުކަން މައުލޫމާތު ކަރެކްޝަންސް އިން ހާމަނުކުރި ނަމަވެސް، ފަހުން ހޯމް މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް ހާމަކޮށްފައެވެ. ހޯމް މިނިސްޓްރީން ރޭ ބުނެފައިވަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަރެކްޝަންސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމަށްފަހު ގާނޫނުގެ ތަރަހައިގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
އިއްޔެ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ މައްސަލަ ބެލުމަށް ވަނީ ނިންމައިފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.