ޚަބަރު

އަމީނިއްޔާ ސްކޫލާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން އާޓް އެންޑް ކްރާފްޓް އެގްޒިބިޝަނެއް ފަށައިފި

މަރިޔަމް ޝަހުދާ

އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އަމީނިއްޔާ ސްކޫލާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން އާޓް އެންޑް ކްރާފްޓް އެގްޒިބިޝަނެއް ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އެގްޒިބިޝަން ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނެވެ. މި އެގްޒިބިޝަން މިއަދު ހަވީރު ނެޝަނަލް އާޓް ގެލަރީގައި ވަނީ ފަށައިފައެވެ. މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް އާޓް އެގްޒެބިޝަން ކުރިއަށް ގެންގޮސްފައިވާ އިރު، މާދަމާ އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން 6:00 އަށް، ރޭގަނޑު 8:00 އިން 11:00 އަށެވެ.

މި އެގްޒެބިޝަން ކުރިއަށް ގެންގޮސްފައިވަނީ އަމީނިއްޔާގެ މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން، އިސް ދަރިވަރުން، މިހާރުގެ މުވައްޒަފުން އަދި ކުރިން އަމީނިއްޔާގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށެވެ. މައިގަނޑު ދެ ކެޓަގަރީއަކަށް ތަކެތި ހުށަހެޅޭ ގޮތަށް ހުޅުވާލި މި މުބާރާތް ކުރިއަށްދަނީ ފަސް އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ޓޫ ޑައިމެންޝަނަލް އަދި ތްރީ ޑައިމެންޝަނަލް ކެޓަގަރީއެވެ. އަދި މުބާރާތުގައި ވާދަކޮށްފައިވާ އުމުރު ފުރާތަކަކީ؛ 7 އަހަރާއި 12 އަހަރާއި ދެމެދު، 13 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 21 އަހަރާ ދެމެދު، 22 އަހަރާއި 25 އަހަރާ ދެމެދު އަދި 25 އަހަރުން މަތީގެ މީހުންނަށެވެ.

މި އުމުރުފުރާތަކުން 16 އަހަރާއި 21 އަހަރުގެ ކެޓަގަރީ އިން ޓޫ ޑައިމެންޝަނަލް ކެޓަގަރީއަށް އަދި 22 އަހަރާއި 25 އަހަރާ ދެމެދުގެ ކެޓަގަރީއިން ތްރީ ޑައިމެންޝަނަލް ކެޓަގަރީއަށް އެއްވެސް އާޓް އެއް ހުށަހަޅާފައި ނެތުމުން އެ ދެ ކެޓަގަރީ އިން މި ދެ އުމުރު ފުރާ ޑިސްކޮލިފައިވެފައިވާ ކަމަށް އާޓް އެގްޒެބިޝަންގެ ކަންކަމާ ހަވާލުވެ ހުންނެވި އަމީނިއްޔާ ސްކޫލްގެ ލީޑިން ޓީޗަރ ޝަތަތު ޝާކިރު ވިދާޅުވިއެވެ.

އެކި ކެޓަގަރީ އިން ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް މިއަދު އެގްޒެބިޝަން ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި މެޑަލާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.