ގައިދީންނާ މެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައި ނުވާ ކަމަށާއި މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ބަދަލުވާނެ ކަމެއް ނޫން ކަމަށެވެ.
“މި ރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައެއް ނެތް. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ބަދަލުވާނެ ކަމެއް ނޫން. ގައިދީންނާ މެދު ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހިންގުން އަޅުގަނޑުމެން ހުއްޓުވާނަން،” މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާނެ ކަމެއް ނޫން ކަމަށާއި ޖަލު ހަލަބޮލުކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކާއި ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލިކުރުމަށް ކުރާ ކަންކަމުން ކަރެކްޝަންސްގެ އޮފިސަރުން އެއްކިބާވާން ނަސޭހަތްތެރިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އޮފިސަރަކަށާއި ފަސް ގައިދީންނަށް ވަނީ އަނިޔާވެފައެވެ. ނަމަވެެސް ގައިދީންނަށް އަނިޔާކޮށްފައިވާ ކަން ކަރެކްޝަންސް އިން ދަނީ ދޮގުކުރަމުންނެވެ.
ހޯމް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަރެކްޝަންސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމަށްފަހު ގާނޫނުގެ ތަރަހައިގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
އިއްޔެ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ މައްސަލަ ބެލުމަށް ވަނީ ނިންމައިފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.