ޚަބަރު

އަނިޔާ ލިބުނު ގައިދީންނަށް ފަރުވާ ދޭން ގޮވާލައި، ޖަލުގައި އިހުތިޖާޖު ކުރަނީ

1

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަނިޔާ ލިބުނު ގައިދީން ފަރުވާއަށް ގޮޅިން ބޭރަށް ނުނެރެމުގެ ސަބަބުން ޖަލުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

“ވަން އޮންލައިން”އަށް އެނގިފައިވާ ގޮތުގައި ޖަލުގައި އިހުތިޖާޖުކުރަނީ އަނިޔާ ލިބުނު ގައިދީންނަށް ފަރުވާ ދިނުމަށް ގޮވައިލައެވެ. މިހާރު ޖަލުގައި ކުރާ އިހުތިޖާޖުތަކުގެ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ދެ ގޮޅިއެއްގައި ތިބި ގައިދީންތަކަކަށް އަނިޔާ ލިބިފައިވެއެވެ. ފަސް ގައިދީއަކަށް އަނިޔާ ލިބިފައިވަނީ ފަހަތަށް ބިޑި އެޅުވުމަށްފަހު ބިންމައްޗަށް ވައްޓާލައި މުގުރުން ތެޅުމުގެ ސަބަބުންނެވެ. އޭގެ އިތުރުން އެ ގައިދީންގެ ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް އަމާޒުކޮށް އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ޖަލުގެ ޔުނިޓް ހަތަރެއްގައި ގައިދީން އިހުތިޖާޖުތައް ކުރިއަށްގެންދާތާ ގިނަ އިރުތަކެއް ވެއްޖެއެވެ. އެ ޔުނިޓަކީ އެ ހަމަނުޖެހުންތައް ހިނގި ޔުނިޓެވެ.

ރަޔޮޓް ގިޔަރުގައި ޖަލުގެ ޔުނިޓަކަށް ވަނުމަށް މިހާރު އޮފިސަރުން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައެވެ.

މި ހާދިސާތަކާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ނަސީމް ވަން އޮންލައިނަށް ވިދާޅުވީ ޖަލުގައި ކަންތައްތަކެއް ހިނގާކަން އެނގިފައިނުވާ ކަމަށާއި ރަޔޮޓް ގިޔަރުގައި ޖަލުގެ ޔުނިޓަކަށް ވަންނަން އޮފިސަރުން ތައްޔާރު ނުވާ ކަމަށެވެ.

އިއްޔެ ގައިދީންތަކަކަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތައް ވެސް ކަރެކްޝަންސް އިން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް އޮފިސަރަކަށް ގައިދީއަކު ހަމަލާދިނުމުގެ ސަބަބުން އަނިޔާވި ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުން ހޯމް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަރެކްޝަންސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމަށްފަހު ގާނޫނުގެ ތަރަހައިގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިއްޔެ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ މައްސަލަ ބެލުމަށް ވަނީ ނިންމައިފައެވެ. އެ މައްސަލަ ދިރާސާކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟