ޚަބަރު

ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތައް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަނީ

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ނިންމައިފިއެވެ.

މަޖިލީހުން މިކަން އާންމުކޮށްފައި ވަނީ މަޖިލީހުގެ އޮފިޝަލް ޓުވިޓާއިން ކުރި ޓުވީޓެއް މެދުވެރިކޮށެވެ.

މި ޓުވީޓުގައި މާދަމާގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި މާފުށީ ޖަލުގެ ހާދިސާ ހިނގަން މެދުވެރިވިގޮތް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ތާވަލު ކުރެވިފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރަމުންދާ ކަމުގެ ހަބަރު އިއްޔެ ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު ކަރެކްޝަނުން މިކަން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް ގައިދީއަކު ހަމަލާ ދިނުމުގެ ސަބަބުން އޮފިސަރަކު އިއްޔެ ފަރުވާއަށް މާލެ ގެނައިކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.

އޭގެ ފަހުން ހޯމް މިނިސްޓްރީން ބުނެފައިވަނީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ކަރެކްޝަންސް އިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.