މަގާމުން އިސްތިއުފާ ދެއްވަމުން ހޮސްޕިޓަލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އައިޖީއެމްއެޗް އިން މިހެން ބުނެފައި ވަނީ އެ ހޮސްޕިޓަލުން ހޯދާ ހޮސްޕިޓަލް މެނޭޖްމަންޓް ސިސްޓްޓަމްގެ ކަންކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވިދާޅުވެ ޝާފިއީ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެކަމަށް ރައްދުދެމުން ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި އައިޖީއެމްއެޗް އިން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ހޯދާ ހޮސްޕިޓަލް މެނޭޖްމަންޓް ސިސްޓްޓަމް ހޯދުމުގެ މަސައްކަތް ކުރަނީ ދެފުށް ފެންނަ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕްރޮސެސްއެއްގެ ތެރެއިންނެވެ. އަދި މި މަސައްކަތަކީ މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ އިތުރުން އެހެނިހެން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށް އައިޖީއެމްއެޗް އިން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ އިސް ފަރާތަކާއެކު ދެފަހަރެއްގެ މަތިން މަޝްވަރާ ކުރެއްވި ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އެގޮތުން މިއަހަރު ޖޫން 12 އަދި ޖޫން 19ގައި ރައީސް އޮފީހުގެ އިސްފަރާތަކާ މިކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށާއި މުސްތަގުބަލުގައި ވެސް މިފަދަ ބައްދަލުވުންތައް ރޭވިފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.
ހޮސްޕިޓަލަށް ބޭނުންވާ ސޮފްޓްވެއާ ހޯދަނީ ހޮސްޕިޓަލުގެ ޑޮކްޓަރުން، މެނޭޖްމަންޓް އަދި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ލަފައާއެކު ތައްޔާރު ކުރެވޭ ސްކޯޕެއްގެ މައްޗަށް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އަދި މިކަމުގައި ބައިނަލްއަގްވާމީ ހޮސްޕިޓާތަކުގައި ބޭނުންކުރާ ސިފްޓްވެއާތަކާ އަޅާ ކިއުމަށްފަހު ރާއްޖެއާ އެންމެ އެކަށޭނެ ސިސްޓަމެއް ހޯދުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް މި ބަޔާނުގައި ވެއެވެ.