ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދުއަށް ވަޑައިގެންނެވިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ވެރިންނާއި މުވައްޒިފުންނާ ބައްދަލުކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުއްޓާއި އިހަވަންދޫގައި އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ހިދުމަތް ވެސް ފައްޓަވައިދެއްވައިފައެވެ.
އެ ރަށްރަށަށް ވަޑައިގެން ނައިބު ރައީސް ވަނީ ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އެ ފަރާތްތަކުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.