ޚަބަރު

ވީޑިއޯ އާންމުވުމުން ވަގަށް ނެގި ވޮލެޓު ފުލުހުންނާ ހަވާލުކޮށްފި

ފިހާރައެއްގެ ކައުންޓަރުގައި މީހަކަށް ބާއްވާފައި ދެވުނު ވޮލެޓަކުން ވިޔަފާރިކުރުމަށްފަހު އެ ވޮލެޓު ނަގައިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމުން ވޮލެޓު ވަގަށް މީހުން ފުލުހުންނާ އެ ވޮލެޓު ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު 1:15 ހާއިރު ފިހާރައެއްގެ ތެރޭގައި މީހެއްގެ ވޮލެޓު ގެއްލުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ ވޮލެޓު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ވޮލެޓުގެ ވެރިފަރާތާ މިވަގުތު މާލޭގައި ނޫޅޭ ކަމަށާއި އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި މީހަކު ވިޔަފާރިކޮށް ނިމިގެން ދާއިރު ހަނދާން ނެތިގެން ކައުންޓަރު މަތީ ވޮލެޓު ބޭއްވިފައިދާ މަންޒަރު ފެނެއެވެ. އަދި އޭގެ ފަހުން ފިހާރައިގައި މަސައްކަތް ކުރާ މީހެއް ކަމަށް ބެލެވޭ މީހަކު އައިސް ކައުންޓަރުގައި އެއްޗެއް ބަހައްޓަފައި ދެއެވެ. އޭގެ ފަހުން ދެން ވީޑިއޯ އިން ފެންނަނީ ދެމީހަކު އައިސް އެތަނަށް ހުއްޓޭ މަންޒަރެވެ. އެއީ މެދު އުމުރުގެ އަންހެނަކާއި ފިރިހެނެކެވެ. އެދެމީހުން ކައުންޓަރަށް އަންނަނީ ގަތް އެއްޗަކަށް ފައިސާ ދެއްކުމަށެވެ. އެ މީހުން އަންނަ އަންނަ އިރު ކުރީން ވިޔަވާރިކޮށްގެން ދިޔަ މީހާއަށް ހަނދާން ނެތިގެން ބޭއްވުނު ވޮލެޓް ކައުންޓަރު މަތީގައި އޮވެއެވެ.

ފަހުން އަންނަ ދެމީހުން އެ ވޮލެޓު ނެގުމަށްފަހު އޭގެން ވިޔަފާރިކޮށްގެން ވޮލެޓު ހިފައިގެން ދާ މަންޒަރު މި ވީޑިއޯ އިން ފެނެއެވެ. މި ދެމީހުން ކައުންޓަރު ކައިރިޔަށް ހުއްޓޭ ފަހުން ވޮލެޓުގެ ވެރިމީހާ ވެސް ފިހާރައިން ނުކުމެގެންދާތަން މި ވީޑިއޯ އިން ފެނެއެވެ.