ޚަބަރު

އިހަވަންދޫގެ ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިހަވަންދުއަށް މިއަދު ޒިޔާރަތްކުރައްވައި، އެރަށު ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގައި ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިހަވަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ނައިބު ރައީސަށް ކައުންސިލަރުން އެރުވިއެވެ. މިގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުނީގެ މައްސަލައާއި ރަށުގެ ބަނދަރު ބޮޑުކުރުމާ ބެހޭގޮތުންނާއި އަދި ކައުންސިލުން ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މިފަދަ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށާއި އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އިހަވަންދޫގައި މިއަދު އިފްތިތާހުކުރެއްވި ސްޕީޑް ފެރީގެ ހިދުމަތަކީ ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާ ފެރީގެ ހިދުމަތެކެވެ. ނައިބު ރައީސް އިއްޔެ ވަނީ ހއ. ހޯރަފުށީގެ ސްޕީޑް ފެރީގެ ހިދުމަތް ވެސް އިފްތިތާހުކޮށްދެއްވައިފައެވެ.