ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނޮޅިވަރަންފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
ހދ.ނޮޅިވަރަންފަރު ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑުންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.
މި މަޝްރޫއުގެ ދަށުން ނޮޅިވަރަންފަރުގައި ބޯ ހޯލް ހެދުމާއި ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމުކުރުމާއި އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައިދިނުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިންއާ ހަވާލުކުރެވިފައިވަނީ 31.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ނޮޅިވަރަންފަރުގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ނޮޅިވަރަންފަރުގެ އިތުރުން ބ. ދަރަވަންދޫ، ރ. މަޑުއްވަރީ އަދި ށ. ފޯކައިދޫގައި ވެސް ފެނުގެ ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭ ފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމުކޮށް، ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވިގެންދާ ކަންތައްތަކުގެ ތެރޭގައި ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރ އާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ. މުޅި މަޝްރޫއަށް ޖީސީއެފް އިން ހަރަދުކުރުމަށް ހަމަޖެހިފައިވާ 23.6 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ލިބިފައިވަނީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.