ގެވެށި އަނިޔާގެ މައްސަލަތައް އާއިލާގެ ތެރޭގައި ސިއްރުވެފައި އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ ބައެއް މުއައްސަސާތައް ވެސް ތިބި ކަމަށް ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.
“ޖެންޑަރ އެވެއަރނަސް އެންޑް ޑެވަލޮޕްމަންޓް ޕްރޮގްރާމް އޮން ލޭބަރ ރިލޭޓަޑް ކޮންސަރންސް އިންކްލޫޑިންގ ސެކްޝުއަލް ހެރަސްމަންޓް އެންޑް ޑޮމެސްޓިކް ވަޔަލެންސް އިޝޫޒް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ގެވެށި އަނިޔާތައް ސިއްރުކުރުމުގެ ވިސްނުން ގެންގުޅުމުގެ ސަބަބުން ޖިންސީ ފުރައްސާރައާއި ގޯނާ ލިބެމުންދާ ފަރާތްތަކަށް ހައްގުތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.
"އަންހެނުންނާ މެދު ކުރެވޭ އެކި ބާވަތުގެ އަނިޔާއާއި އަންހެނުންގެ ނާޖާއިޒު ފައިދާ ނެގުމާ މެދު ގެންގުޅޭ ވިސްނުން ބަދަލުކުރުމަށް މުއައްސަސާތަކުގެ އިތުރުން ޢާންމުންގެ ހޭލުންތެރިކުރުވުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހޭ" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒެނީޝާ ވިދާޅުވީ ހާނިއްކައާއި އަނިޔާއާއިން ރައްކައުތެރިވެފައިވާ މާހައުލެއްގައި މަސައްކަތްކުރުމުގެ ހައްގު ކޮންމެ އަންހެނަކަށްވެސް ލިބިގެންވާ ކަމަށެވެ.
އަންހެނުންގެ ހައްގުތަކަށްޓަކައި ދިވެހި ރާއްޖެއިން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ޒެނީޝާ ވިދާޅުވިއެވެ. އެގޮތުން އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާއިން އެ ފަރާތްތައް ރައްކާތެރިކޮށްދިނުމާއި އިގްތިޞާދީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
ފިލިޕީންސް އެމްބަސީގެ ފަރާތުން އިންތިޒާމުކޮށްގެން ފެށި އެ ޕްރޮގްރާމްއަކީ ގެވެށި އަނިޔާތަކާއި ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް މަޝްވަރާކުރުމަށް ފެށި ޕްރޮގްރާމެކެވެ.