ޚަބަރު

މާރަންދޫގައި ބައެއް އަސާސީ ހިދުމަތްތައް ފުރިހަމަވެފައި ނެތުމުން ދިމާވާ ދަތިތައް ނައިބު ރައީސްއާ ހިއްސާކުރައްވައިފި

ބައެއް އަސާސީ ހިދުމަތްތައް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް މާރަންދޫ ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފިއެވެ.

ހއ. މާރަންދުއަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ވަނީ މިއަދު އެ ރަށު ކައުންސިލަށް ޒިޔާރަތްކުރައްވައި، ރަށުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި މާރަންދޫ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ބައެއް އަސާސީ ހިދުމަތްތައް އަދިވެސް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.

އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފަޅުގެ ދަތިކަމާއި ސްކޫލް އިމާރާތުގެ ހުރި ދަތިތައް ފާހަގަކުރައްވައި، ރަށުގެ ޒުވާނުންނަށް ފުޓުބޯޅަ ދަނޑެއްގެ މުހިންމުކަން ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ވަކި ރަށެއް ތަފާތު ނުކުރައްވާނެ ކަމަށާއި މާރަންދޫ ކައުންސިލާއި މުއައްސަސާތަކުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.