ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު، ރަސްމީ ދަތުރުފުޅެއްގައި ޕޯޗުގަލްއަށް ވަޑައިގެންނެވުމާ ގުޅިގެން އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ހަވާލުކުރައްވައިފިއެވެ.
މަހުލޫފު ޕޯޗުގަލްއަށް ވަޑައިގެންނެވީ މިނިސްޓާސް ރެސްޕޮންސިބިލިޓީ ފޯ ޔޫތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ އަންނަ ބުދަ ދުވަހު މިނިސްޓަރު މަހުލޫފު އެނބުރި ރާއްޖެ ވަޑައިގެންނެވުމާ ހަމައަށް ވަގުތީ ގޮތުން މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނަވާނީ ހެލްތު މިނިސްޓަރު އަމީން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަހުލޫފު ސަސްޕެންޑު ކުރެއްވި އިރު، އެ މިނިސްޓްރީއާ ހަވާލުވެ ހުންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފުގެ ހިޔާނާތުގެ މައްސަލައެއް ނެތް ކަމަށް ނިންމުމުން އޭޕްރީލް މަހުގެ ތެރޭގައި މަހުލޫފު ވަނީ އަލުން މަސައްކަތަށް ނުކުންނަވަން ފަށައިފައެވެ.