ޚަބަރު

ނައިބު ރައީސް މާރަންދުއަށް ޒިޔާރަތްކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. މާރަންދުއަށް ޒިޔާރަތް ކުރައްވައިފި އެވެ.

ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މާރަންދުއަށް ޒިޔާރަތް ކުރައްވާފައި ވަނީ މިއަދުއެވެ.

މާރަންދުއަށް ނައިބު ރައީސް ކުރައްވާ މި ޒިޔާރަތުގައި ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް ކަމެއްގައި އެއްވެސް ރަށެއް ތަފާތު ނުކުރާނެ ކަމަށެވެ. އަދި ތައުލީމާއި ސިއްހީ ކަންކަމަށް މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އެކަންކަމުގައި ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މާރަންދޫގެ ސޫކޫލް، ސިއްހީ މަރުކަޒު އަދި އިންޖީނުގެއަށް ވަޑައިގެން އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި އެތަންތަނުގެ ހާލަތު ބެލުމުގެ އިތުރުން މި މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފައެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް، މާރަންދޫ ކައުންސިލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.