ޝަހީދާ އަބްދުﷲ ސައީދު
މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގެ މަސައްކަތް ކުރަންވާނީ ޕްލޭނިން މިނިސްޓްރީގެ ހުއްދަ އޮވެގެން ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އިމާރާތް ކުރުމުގެ ގާނޫނު 23 އޭޕްރީލް 2017ގައި ވުޖޫދަށް ގެނެވި އެގާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އެހެންކަމުން އެގާނޫނުގެ ދަށުން އެކުލަވާލެވި މިހާރު ގެޒެޓް ކުރެވިފައިވާ ގަވާއިދުތަކުގެ ތެރެއިން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވައިދުގެ ދަށުން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާޢިދުގައި ބަޔާން ކުރާ އަސާސީ ތަކެތި 28 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ ނުވަތަ އުފައްދަންވާނީ އެކަމަށް މިމިނިސްޓްރީން ރަޖިސްޓަރީކޮށް ހުއްދައެއް ނަގައިގެން ކަމަށެވެ.
އަދި އެފަދަ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން ނުވަތަ އުފައްދާ ފަރާތްތަކަށް 28 ޖޫން އިން ފެށިގެން ރަޖިސްޓަރީކޮށް ހުއްދަ ދޫކުރާނެ ކަމަށާއި ހުއްދަނަގަން ބޭނުންވާ ފަރާތްތަކުން 28 ޖޫން 2019 ގެ ކުރިން ރަޖިސްޓަރީވުމަށާއި ހުއްދަހޯދުމަށް ބޭނުންވާ ލިޔެކިއުން މިމިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެތާރީޚުގެ ފަހުން ތަކެތި އެތެރެކޮށް ނުވަތަ އުފައްދަނީ ގަވައިދާއި އެއްގޮތްވާގޮތުގެމަތިން ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެންތޯ މިނިސްޓްރީގެ ފަރާތުން ބަލަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ހުއްދައަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv/cidd.html އިން ލިބެން ހުންނާނެ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަސް ވެސް އެދިފައިވެއެވެ. އަދި މައުލޫމާތު ސާފު ކުރުމަށް 3004307 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.