ޝަހީދާ އަބްދުﷲ ސައީދު
މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރިކަން އެނގިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިރޭ ބުނީ މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސަވިސްއިން ވަގުތުން ޖަލަށް ޒިޔާރަތްކޮށް، އެ ހާދިސާއާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކޮށްފައިވާ ކަމަށެވެ.
މިހާދިސާގައި ގައިދީއަކު އިސްވެ ޖަލު އޮފިސަރަކަށް ހަމަލާދީފައިވާ ކަމަށާއި އެހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރިކަން އެނގިފައިވާ ކަމަށެވެ.
އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު ކަންކަން ގާނޫނީ ތަރަހައިގެ ތެރެއަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުމާއި ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހްމަދު ނަސީމް "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއަދު ގަދީއަކު ހަމަލާދިނުމުގެ ސަބަބުން އަނިޔާ ލިބުނު އޮފިސަރަށް ފަރުވާދިނުމަށް މާލެ ގެންނަ ކަމަށެވެ.
ނަސީމް ވިދާޅުވީ ގަދީއަކު ހަމަލާދީފައިވަނީ ޖަލުގެ ގޮޅިއެއް ބެލުމަށް އޮފިސަރުންތަކެއް އެ ގޮޅިއަށް ވަނުމުން ކަމަށާއި އެވަގުތު ގައިދީއަކު އޭގެ ތެރެއިން އެއް އޮފިސަރަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ އޮފިސަރަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އެނގޭނީ މާލެ ގެނެސް، ޑޮކްޓަރަށް ދެއްކުމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.