ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ތުރާކުނު، އުލިގަމު، މޮޅަދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތުރާކުނަށާއި އުލިގަމަށާއި މޮޅަދުއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުރާކުނު ސްކޫލަށާއި ސިއްހީ މަރުކަޒަށާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވި ކަމަށެވެ.

ނައިބު ރައީސް ތުރާކުނަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރަށަށް އެންމެ ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ކައުންސިލަރުންގެ ފަރާތުން ހޯއްދެވިއެވެ.

މީގެއިތުރުން އެމަނިކުފާނު މިއަދު ވަނީ އެއަތޮޅު އުލިގަމަށް ވެސް ވަޑައިގެންފައެވެ.

އުލިގަމަށް ވަޑައިގެން އެރަށު ސްކޫލަށާއި، ސިއްހީ މަރުކަޒާއި، އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ. މިދަތުރުފުޅުގައި އެރަށު ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައި ވެއެވެ.

މީގެއިތުރުން އެމަނިކުފާނު މިއަދު އެއަތޮޅު މޮޅަދުއަށް ކުރެއްވި މިޒިޔާރަތުގައި އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި، އެމަނިކުފާނު ވަނީ އެރަށުގެ އިޖްތިމާއީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި މޮޅަދޫ ސްކޫލަށާއި، ސިއްހީ މަރުކަޒާއި، އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ.

އަދި އެމަނިކުފާނު ވަނީ މޮޅަދޫގައި އިމާރާތްކޮށްފައިވާ މިސްކިތް ވެސް ބައްލަވައިލައްވާފައެވެ. ނައިބު ރައީސް މޮޅަދޫއަށް ކުރެއްވި މި ޒިޔާރަތުގައި މޮޅަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.