ހދ. ނޮޅިވަރަންފަރުގައި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އެޗްޑީ ކޭބަލް ޓިވީ ޕްރައިވެޓް ލިމިޓެޑު 36،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ބުނެފައިވަނީ އެޗްޑީ ކޭބަލް ޓީވީ ޖޫރިމަނާކޮށްފައި ވަނީ ދޫކުރުމުގެ ހުއްދަ ދީފައި ނުވާ ޗެނަލްތަކެއް ދެއްކުމާއި ކޮމިޝަންގެ އެންގުމާ ނުލައި ޕެކޭޖްތަކަށް ބަދަލު ގެނައުމާ ގުޅިގެން ކަމަށެވެ.
ހުއްދައާ ނުލައި ޗެނަލްތައް ދެއްކުމާއި އެއަރޓެލް މެދުވެރިކޮށް ޗެނަލްތައް ދައްކާ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން އެ މައްސަލައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިން ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ. ނަމަވެސް މިދިޔަ މަހުގެ 16ގައި އެ މުއްދަތު ހަމަވިއިރުވެސް އެ ކުންފުނިން ޖަވާބުދާރީ ވެފައި ނުވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.
އެޗްޑީ ކޭބަލް ޓީވީ ޕްރައިވެޓް ލިމިޓެޑަކީ ހދ. ނޮޅިވަރަންފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް ކޮމިޝަނުން 15 މާޗު 2015ގައި ލައިސަންސް ދޫކޮށްފައިވާ ކުންފުންޏެކެވެ.
މިއަހަރުގެ މެއި 28ގައި 43 ޗެނަލްގެ މައްޗަށް ހިމެނޭ ޕެކޭޖު ވަނީ އެ ކުންފުންޏަށް ބްރޯޑްކޮމް އިން ފާސްކޮށްދީފައެވެ.