ޝަހީދާ އަބްދުﷲ ސައީދު
އެމްޓީސީސީން ހއ. ހޯރަފުށީގައި ފެށި ސްޕީޑް ފެރީގެ ހިދުމަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހޯރަފުއްޓަށް ވަޑައިގަތީ މިއަދުއެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ޒިޔާރަތުގައި ހޯރަފުއްޓަށް ވަޑައިގެން ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ދެެނެގަނެ އެކަންކަމަށް ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ.
އަދި ދަތުރުފަތުރުގެ ލުއި ފަސޭހަކަން ގާއިމުކޮށްދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައްކަން އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ހޯރަފުށީ އެއާޕޯޓް އަޅާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދުގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.
އަދި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ރަށު ކައުންސިލާއި ރަށުގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.