ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ މައާފު ނުދެއްވަނީސް، ޖަލުގައި ހުރި ގައިދީއަކު ޖަލުން ނެރެން ޗިޓު ތައްޔާރުކޮށްދިން މުވައްޒަފުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލިޔެ ކިއުން އޮޅުވާލައިގެން، މައާފު ނުދެއްވާ ގައިދީއަކު ޖަލުން ނެރުމަށް ޗިޓު ތައްޔާރުކޮށް، ވެރިންނަށް ހުށަހެޅި މުވައްޒަފުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ގައިދީ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައި ކަމަށް މުނާޒު ވިދާޅުވިއެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މައާފުދެއްވި ފަރާތްތައް މިނިވަންކުރުމުގެ ތެރޭގައި، މައާފުނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލައެއް ތަހުގީގު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ވަނީ އަންގަވައިފައެވެ.
ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެދަށުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ވަނީ 200 ގައިދީއެއްގެ އަދަބު ލުއިކޮށްދެއްވައިފައެވެ.