ޝަހީދާ އަބްދުﷲ ސައީދު
ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިނުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އަދުނާންގެ މައްޗަށް ތުހުމަތުކުރަނީ މާކުރަތު ކޯޓުގެ މުވައްޒަފުންގެ ތެރެއިން ދެ އަންހެނަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އަދި ޖިންސީ ފުރައްސާރަ ކުރި މައްސަލައެވެ.
އެނގިފައިވާގޮތުގައި އަދުނާން އެ އަމަލު ހިންގާތާ މިހާރު އަށް އަހަރުވެއްޖެއެވެ. ނަމަވެސް އެކަން ކަމާބެހޭ ފަރާތްތަކާ ހަމައަށް ނުގޮސް ސިއްރުވެފައިވަނީ ދެ އަންހެނުންނަށް އަދުނާން ބިރުދައްކާ ނުފޫޒު ފޯރުވާތީއެވެ.
އެގޮތުން އޭނާއަކީ ސަރުކާރުގެ ވަރަށް ބާރުގަދަ މީހެއް ކަމަށާއި ބޭނުންވެއްޖެނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުތައް ދީފައިވާކަމަށްވެއެވެ.
އަދި މާކުރަތު ކޯޓުގައި މީގެ ކުރިންވެސް މަސައްކަތް ކުރި އެހެން މުވައްޒަފަކަށް ކޯޓުގެ ކޮމްޕިއުޓަރު ސިސްޓަމުން އަދުނާނު ބަރަހަނާ މަންޒަރު ދެއްކި ކަމަށް ވެސް ޖޭއެސްސީއަށް ހުށަހެޅި އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެމައްސަލައިގައި ވާގޮތުން އެ މުއައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކޮށްފައިވަނީ ބިރު ދައްކައިގެންނެވެ.
މީގެއިތުރުން މާކުރަތު ކޯޓުގެ ދެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރިއިރު، އެ މައްސަލަ ހުށަހެޅި ފަރާތުން ވަނީ މެޖިސްޓްރޭޓް އަދުނާން ޅ. ނައިފަރު ކޯޓުގައި މަސައްކަތް ކުރިއިރު އެކޯޓުގެ ބައެއް މުއައްޒަފުންނަށް ވެސް ޖިންސީ ފުރައްސާރައާ ގޯނާ ކުރިކަމަށް ތުހުމަތުކޮށްފައެވެ.
މެޖިސްޓްރޭޓް އަދުނާންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.