ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ ހިދުމަތް ގާއިމްކޮށްދެއްވުމަށް ހުޅުދުއްފާރު ކައުންސިލުން ރައީސަށް ދަންނަވައިފި

ޝަހީދާ އަބްދުﷲ ސައީދު

ރ. ހުޅުދުއްފާރުގައި ކުށްކުރުން ގިނަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށްދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މައުލޫމާތު ކައުންސިުގެ މެނބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަކުރައްވައި ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގައި ކުށް ގިނަވަމުންދާތީ ފުލުހުންގެ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށުގައި ބޯޓުފަހަރާއި އޮޑިފަހަރު އެހެލޭނެ ވަކި ހާއްސަ ސަރަހައްދެއް ނެތުމުން ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ރަށުގައި އެކަށީގެންވާގޮތަށް ކުނި މެނޭޖްކުރެވޭނެގޮތެއް ނެތުމުން ދިމާވާ މައްސަލަތަކާއި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތެއް ހޯދުމުގެ މުހިންމުކަމާއި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަމުގައި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް މެންބަރުން ވަނީ ރަށްގިރުމުގެ މައްސަލައާއި ރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ އިތުރުން ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުޅުދުއްފާރު ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.