ޝަހީދާ އަބްދުﷲ ސައީދު
ރ. އުނގޫފާރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި، އުނގޫފާރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި، ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ބޭނުންވާ ވާހަކަ ދަންނަވާފައިވެއެވެ.
އަދި އުނގޫފާރު ނެރު ބައްތި އެހެން ދިމާއަކަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރަށުގެ މަގުހެދުމުގެ މަޝްރޫއު ހުއްޓިފައިވާތީ އެކަން އަލުން ފަށާއިރު ގެންނަން ޖެހޭ ބައެއް ބަދަލުތައް ހިއްސާކުރެއްވިއެވެ.
އަދި އޭގެ އިތުރުން ހޮސްޕިޓަލް އިތުރު ވަސީލަތްތަކާއެކު ތަރައްގީކުރަން ބޭނުންވާ ވާހަކައާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމާއި ރަށުގެ ސީ އެމްބިއުލާންސް ހަލާކުވެފައި އޮތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.