ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ތަރައްގީގައި ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ގައުމީ ތަރައްގީގައި ސަރުކާރުން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ، މީހުން ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2018 ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސޮކްލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުން އެދޭ ފަދަ ކުރިއެރުން ހާސިލުކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތައުލީމާއި ތަޖުރިބާ ލިބިފައިވާ ގާބިލު ޖީލެއް ބިނާކުރުން ކަމަށާއި މި ސަރުކާރުގެ ތައުލީމީ ސިޔާސަތު އަމާޒު ކުރެވިފައިވަނީ އެ މިސްރާބަށް ކަމަށެވެ.

ރައީސް ވިދާޅުވީ ދިރިއުޅުމުގެ ތަފާތު މަރުހަލާތަކުގައި، ކާމިޔާބާއި އުފާވެރިކަން، ދަރިވަރުންނާއި ބައްދަލުކުރާނީ، އެގޮތުގެމަތީގައި ދިރިއުޅެން ދަސްކޮށްގެން ކަމަށާއި ދަރިވަރުން މިހާރުއްސުރެ ގަދައަޅައި މަސައްކަތް ކުރަންވީ، އަނެކުންނަށް އިހުތިރާމުކޮށް، އޯގާތެރިވެ، އަޅާލައި، ލޯބިވުމުގެ ސިފަ ދެމެހެއްޓުމަށް ކަމަށެވެ.

އަދި ތައުލީމީ ކޮންމެ މަރުހަލާއެއްގައިވެސް، ދަރިވަރުންގެ އެންމެ ވަރުގަދަ އަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތައުލީމު ހާސިލުކުރުމަށްޓަކައި، ދުނިޔޭގެ ކޮންމެ ގައުމަކަށް ދިޔަކަމުގައިވިޔަސް، ދަރިވަރުންނަކީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން، އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމަކީ، ހަމައެކަނި ޔުނިވާސިޓީގައި ކިޔަވާ ކިޔެވުން ކަމުގައި ނުހެދުމަށާއި ދަރިވަރުން ދެން އުނގެނެންވީ، އުފެއްދުންތެރި އާ ގޮތްތައް އީޖާދު ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. މަތީ ތައުލީމު ހާސިލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކަންކަން ކުރާނެ ރަނގަޅު އަދި މޮޅު ގޮތްތައް ދެނެގަނެ، އެކަމުގެ ހުނަރު ލިބިގަތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ކޮންމެ ގައުމަކުން ކިޔެވި ކަމުގައި ވިޔަސް، ކޮންމެ ކުއްޖަކީވެސް ދިވެހި ގައުމަށް ހިދުމަތްކުރާ ކުއްޖަކަށް ވުމަށާއި އަންނާން އޮތް ޖީލަށް މި ގައުމު ގެންގޮސްދޭނެ ބަޔަކީ ދަރިވަރުން ކަމަށް ރައީސް ވިދާޅުވިއެވެ.