މާފުށީ ޖަލުގައި ގައިދީއަކު ހަމަލާދިނުމުގެ ސަބަބުން އޮފިސަރަކަށް އަނިޔާވެއްޖެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ނަސީމް "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއަދު ގަދީއަކު ހަމަލާދިނުމުގެ ސަބަބުން އަނިޔާ ލިބުނު އޮފިސަރަށް ފަރުވާދިނުމަށް މާލެ ގެންނަ ކަމަށެވެ.
ނަސީމް ވިދާޅުވީ ގަދީއަކު ހަމަލާދީފައިވަނީ ޖަލުގެ ގޮޅިއެއް ބެލުމަށް އޮފިސަރުންތަކެއް އެ ގޮޅިއަށް ވަނުމުން ކަމަށާއި އެވަގުތު ގައިދީއަކު އޭގެ ތެރެއިން އެއް އޮފިސަރަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ އޮފިސަރަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އެނގޭނީ މާލެ ގެނެސް، ޑޮކްޓަރަށް ދެއްކުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ހަބަރުތަކެއް ފެތުރެމުންނެވެ. އެކަމާ ގުޅޭގޮތުން ނަސީމް ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.