ހަނދާން ނެތިގެެން ބޭއްވުނު ވޮލެޓަކުން ވިޔަފާރިކޮށްގެން ވޮލެޓް ވެސް ހިފައިގެން ފިލައިގެންދާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯގައި މީހަކު ވިޔަފާރިކޮށް ނިމިގެން ދާއިރު ހަނދާން ނެތިގެން ކައުންޓަރު މަތީ ވޮލެޓު ބޭއްވިފައި ދާ މަންޒަރު ފެނެއެވެ. އަދި އޭގެ ފަހުން ފިހާރައިގައި މަސައްކަތް ކުރާ މީހެއް ކަމަށް ބެލެވޭ މީހަކު އައިސް ކައުންޓަރުގައި އެއްޗެއް ބަހައްޓަފައި ދެއެވެ. އޭގެ ފަހުން ދެން ވީޑިއޯ އިން ފެންނަނީ ދެމީހަކު އައިސް އެތަނަށް ހުއްޓޭ މަންޒަރެވެ. އެއީ މެދު އުމުރުގެ އަންހެނަކާއި ފިރިހެނެކެވެ. އެދެމީހުން ކައުންޓަރަށް އަންނަނީ ގަތް އެއްޗަކަށް ފައިސާ ދެއްކުމަށެވެ. އެ މީހުން އަންނަ އަންނަ އިރު ކުރީން ފިޔަވާރިކޮށްގެން ދިޔަ މީހާއަށް ހަނދާން ނެތިގެން ބޭއްވުނު ވޮލެޓް ކައުންޓަރު މަތީގައި އޮވެ އެވެ.
ފަހުން އަންނަ ދެމީހުން އެ ވޮލެޓު ނެގުމަށްފަހު އޭގެން ވިޔަފާރިކޮށްގެން ވޮލެޓު ހިފައިގެން ދާ މަންޒަރު މި ވީޑިއޯ އިން ފެނެއެވެ. މި ދެމީހުން ކައުންޓަރު ކައިރިޔަށް ހުއްޓޭ ފަހުން ވޮލެޓުގެ ވެރިމީހާ ވެސް ފިހާރައިން ނިކުމެގެންދާތަން މި ވީޑިއޯ އިން ފެނެއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިހާރައަކުން ވޮލެޓެއް ގެއްލުނު މައްސަލައެއް ފުލުހުންނަށް މިއަދު 1:15 ހާއިރު ހުށަހަޅައިފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.