ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ލިޔުމުން ޖަވާބުދާރީ ވާން ފަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެމަނިކުފާނުގެ މައްޗަށް ޖޭއެސްސީން ކުރިއަށް ގެންދާ ސުލޫކީ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.
އަޑުއެހުން ނިންމަވާ ލައްވަމުން، މި މައްސަލަ ބަލާ ޖޭއެސްްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި އެ ކޮމިޝަންގެ ނާއިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ކޮމިޓީން މިއަދު ފަނޑިޔާރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވިކަމަށް ބައްލަވާ ކަމަށެވެ. އަދި އޭގެ އިތުރު ކަންތައްތަކެއް ފާހަގަ ކުރައްވަން ބޭނުންފުޅު ނަމަ މިއަދު ކުރިއަށްދިޔަ ކަންތައްތަކަށް ޖަވާބު ދެއްވުމަށް އިތުރު ފުރުސަތު ދެއްވާ ކަމަށެވެ.
އިތުރު އަޑުއެހުމެއް ބާއްވަން ޖެހިއްޖެނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށްވެސް މަސްތޫރު ވިދާޅުވިއެވެ.
ދަރުބާރުގޭގައި އާންމުންނަށް ހުޅުވާލައިގެން މިއަދު ކުރިއަށް ގެންދިޔަ މި މައްސަލައިގެ ތަހުގީގީ އަޑުއެހުން ފަށާފައިވަނީ ހެނދުނު 10:12 ގައެވެ.
ޖޭއެސްސީ އަށް މަޖިލީހުގެ ފަރާތުން ކަނޑައަޅާފައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ މިއަދުން ފެށިގެން 5 ދުވަސް ފަނޑިޔާރު ދީދީގެ ޓީމަށް ޖަވާބުދާރީ ވުމަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮމިޓީގެ އިތުރު އަޑުއެހުމެއް ބާއްވަން ނިންމާނީ އެއަށް ރިއާޔަތް ކޮށްފައިކަމަށް ހިސާން ވިދާޅުވިއެވެ. އިތުރު އަޑުއެހުމެއް ބާއްވަން ކޮމިޝަނަށް ނުފެންނަ ނަމަ ލިޔުމުން ހުށަހަޅާ ހުށަހެޅުމުގެ މައްޗައް ރިއާޔަތްކޮށް ރިޕޯޓު އެކުލަވާލާނެ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފަނޑިޔާރު ދީދީގެ ޓީމުގެ ފަރަތުން ފާހަގަ ކުރަން ބޭނުންވާ ކަންކަން ފާހަގަކޮށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.