އިބްރާހިމް ޒަކީ
ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށް ގެންދާ ސުލޫކީ މައްސަލަ ބަލައި ރިޕޯޓެއް އެކުލަވައިލެވޭނެ ކަމަށާއި އެ ރިޕޯޓަށް ޖަވާބުދެއްވަން، މައްސަލަ ރައްދުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީއަށް 30 ދުވަސް އަރުވާނެ ކަމަށް ޖޭއެސްސީން ބުނެފިއެވެ.
އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ތަހުގީގުގައި، ފަނޑިޔާރު ދީދީ އާއި އެމަނިކުފާނުގެ ވަކީލުން ޖޭއެސްސީން ހުށަހަޅަމުންދާ އެކި ކަންތައްތަކަށް އެކި ގޮތްގޮތަށް ޖަވާބު ދެއްވަން ފެއްޓެވުމުން، ޖޭއެސްސީގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ކުރިއަށް މިދަނީ ޝަރީއަތެއް ނޫން ކަމަށާއި، ފުރުސަތު ލިބިވަޑައިގަންނަވާނީ، ޖޭއެސްސީން ކުރާ ސުވާލަށް ޖަވާބު ދިނުމަށް އެކަނި ކަމަށެވެ.
ފަނޑިޔާރު ދީދީ އާއި ދިފާއީ ވަކީލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މައްސަލަ ރައްދުވާ ފަރާތަށް ބަރީއަ ވުމުގެ ފުރުސަތު، ގާނޫނުއަސާސީ އާއި ގާނޫނުން ފުރިހަމައަށް ލިބެން ޖެހޭނެ ކަމަށެވެ.
އަދި ފަނޑިޔާރު ދީދީގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގާބެހޭ މައުލޫމާތު ހިމެނޭ ސިޓީ ފަނޑިޔާރު އަބުދުﷲ ދީދީއަށް ލިބިވަޑައިގެންނެވީ ދަރުބާރުގޭގެ މާލަމުން މިއަދު 10:10 ގައި ކަމަށާއި 10:12 ގައި ތަހިގީގު ފެށިފައިވާ ކަމަށެވެ. އެހެންކަމުން އެ ސިޓީއަށް ބެލުމަށްފަހު ޖޭއެސްސީން ކުރާ ސުވާލުތަކަށް ޖަވާބުދޭން ފުރިހަމަ ފުރުސަތެއް ދޭން ވާނެ ކަމަށް އަބުދުﷲ ދިދީ އާއި ވަކީލުން ތަކުރާރުކޮށް ވިދާޅުވިއެވެ.