މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ލިބޭނީ ލައިސަންސް އޮތް އުޅަނދުތަކަށް: ފިޝަރީޒް މިނިސްޓްރީ

ޝަހީދާ އަބްދުﷲ ސައީދު

އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ ހަމައެކަނި މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދުތަކަށް އެކަނި ކަމަށް ފިޝަރީޒު މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒު މިނިސްޓްރީން މިހެން ބުނެފައިވަނީ އިމްޕޯޓް ޑިއުޓީ އުނި ކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ހުޅުވާލުމުގެ ކުރިން ކަމާބެހޭ މައުލޫމާތު ހާމަކޮށް މިއަދު އިއުލާނުގައެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ އިމްޕޯޓް ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ހުޅުވާލުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ޑީސަލް ޕްރޮގްރާމްގައި މަސްވެރިންނަށް ބައިވެރިވެވޭނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.

އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ގުޅިގެން އެ އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެސްޓް ކުރުމަށްފަހު ޑިއުޓީ އުނިކޮށް ޑީސަލް، މަސްވެރިކަންކުރާ އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލާނެ ކަމަށް ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން ލައިސަންސް ނެތް އުޅަނދުތަކުން މަސްވެރިކަމުގެ ލައިސަންސް ނަގަން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން އެޕްލިކޭޝަނާއި ލައިސަންސަށް އެދޭ ފޯމް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް ވެސް ފިޝަރީޒު މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ޑީސަލުން ނަގާ ޑިއުޓީ ކަނޑާލަން ސަރުކާރުން ނިންމާފައިވާތީ، އެކަން ތަންފީޒު ކުރަން އެކުލަވާލަފައިވާ އުސޫލެއް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.