ފޮރިން މިނިސްޓްރީ

ދިވެހި ސަފީރުންގެ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިރާއްޖެއިން ދުނިޔޭގެ އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ ބައްދަލުވުން މާލޭގައި ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ތިން ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ސަފީރުންގެ ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިމިގެންދިޔަ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލެވުނުކަމަށްޓަކައި ސަފީރުންނަށާއި ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް މަރުހަބާ ދެންނެވިއެވެ.

އަދި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، ބައްދަލުވުމުގެ ދެވަނަ ދަންފަޅީގައި ސަފީރުން ވަނީ އެމްބަސީތައް ހިންގުމުގައި ހުރި ދަތިތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ދެވަނަ ދަންފަޅީގައި އާސަންދަ ކުންފުނިން ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑުން ސަފީރުންނަށް މައުލޫމާތު ފޯރުކޮށްދިނެވެ.

އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރު ގައުމުތަކަށް އިޝްތިހާރުކުރުމާ ބެހޭގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުންވެސް ޕްރެޒެންޓޭޝަނެއް ވަނީ ދީފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަފީރުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ އިގްތިސޯ ދާއިރާއާއި މާލީ ދާއިރާއާ ބެހޭ ގޮތުންނާއި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމާ ބެހޭ މައުލޫމާތު ސަފީރުންނަށް ދެއްވާފައެވެ.

އަދި ޖިނާއީ ކަންކަމާއި ބެހޭ ގޮތުން ސަފީރުންގެ ސުވާލުތަކަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ޖަވާބު ދެއްވާފައެވެ.

ސަފީރުންގެ ބައްދަލުވުން ނިންމާލާފައިވަނީ އެކި ގައުމުތަކުގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީތަކަށް ދިމާވާ އެކި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމުގެ ހައްލުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.