ޝަހީދާ އަބްދުﷲ ސައީދު
ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، މީދޫ ރައްޔިތުން ސިނާއީ މަސައްކަތް ކުރުމަށް އެހެން ރަށެއް ހަމަޖައްސައިދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
މީދޫ ކައުންސިލުން އެގޮތަށް ދަންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ސިނާއީ މަސައްކަތްކުރުމަށް ރަށެށް ހަމަޖައްސައިދެއްވުމަށާއި ރަށުގެ ބިން ބޮޑުކުރުމާއި އަދި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުމުގެ އިތުރުން ބަނދަރު ބޮޑުކުރުން ހިމެނެއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފު ވަނީ މަޑުއްވަރީއަށް ދަތިވެފައިވާ ބައެއް ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ.
އެގޮތުން ރަށުގެ ބަނދަރު ބޮޑުކުރުމާއި ސްކޫލަށް ޖާގަ އިތުރުކުރުމާއި އަދި ބައެއް އުމްރާނީ މަޝްރޫއުތައް ހިންގައިދެއްވުމަށް ހުށަހަޅުއްވާފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީދޫ ކައުންސިލާއި އަދި މަޑުއްވަރީ އިން އެދުނު ކަންކަމުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލުގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ. އަދި ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.