ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކޮޅުފުށީ ރައްޔިތުންނަށް ދިމާވާ ދަތިތައް ނައިބު ރައީސާ ހިއްސާކޮށްފި

މ. ކޮޅުފުށީ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، އެރަށު ކައުންސިލުގެ ރައީސް ހުސައިން ޝާމިލު، ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި އަދި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތު ވަނީ ކައުންސިލްގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިންގުމަށް ހުރި ހުރަސްތަކާއި، ސުނާމީއަށްފަހު ސާފުފެން ލިބުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.

އަދި ކޮޅުފުށްޓަށް ފެރީގެ ޚިދުމަތް އަލުން ފެށުމުގެ މުހިންމު ކަމާއި ރަށް ގިރުމުގެ މައްސަލައިގެ އިތުރުން، ރަށުގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ކައުންސިލްގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި، ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން، ކައުންސިލް ރައީސް ފާހަގަ ކުރެއްވެވި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ކައުންސިލްގެ ރައީސަށް ދެއްވައިފައެވެ.