ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ފުރަތަމަ ޓީވީން ވަގުތުން ދުރަށް ދައްކަން ނިންމައިފިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހިންގާ ތަހުގީގު ޓީވީން ވަގުތުން ދުރަށް ދައްކަން ޖޭއެސްސީން ނިންމާފައިވާ އިރު، ތަހުގީގު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ފަނޑިޔާރު ދީދީ ވަނީ އެދިވަޑައިގެންފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ދަރުބާރުގޭގެ ރަންރަންބަނޑޭރި މާލަމުގައި ކުރިއަށްދާއިރު ތަހުގީގު ކުރިއަށްގެންދާ ގޮތް ޓީވީއިން ދުރަށް ދައްކާނެ ކަމަށެވެ.
އެގޮތުން ހުރިހާ ޓީވީ ޗެނަލްތަކަށްވެސް ފުރުސަތު ހުޅުވައިލާފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެދިފައިވަނީ ޕީއެސްއެމްއިން އެކަނި ކަމަށް ޒަހީން ވިދާޅުވިއެވެ. ތަހުގީގު ވަގުތުން ދުރަށް ދެއްކުމަށް އެދޭނަމަ އަދިވެސް އެހެން ޗެނަލްތަކަށް ފުރުސަތު އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.
ޒަޙީން ވިދާޅުވީ ދަރުބާރުގޭގައި ތަހުގީގު ކުރިއަށްދާއިރު މާދަމާ 8:30 އިން ފެށިގެން ކޮމިޝަނުގެ މުވައްޒަފުން ދަރުބާރުގޭގައި ހަރަކާތްތެރިވާނެ ކަމަށާއި އަޑުއެހުމަށް ވަންނަން ބޭނުންވާ އާންމުން 8:30 އިން 9:00 އަށް ނަން ނޯޓްކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މާލަމުގައި ޖާގަ އޮތް ވަރަކުން އާންމުންނަށް ވަދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޒަހީން ވިދާޅުވީ އެ ތަހުގީގަކީ ހުޅުވާލައިގެން ބާއްވާ ތަހުގީގެއް ކަމަށް ވިޔަސް، ތަހުގީގު ކުރިއަށްދާ މާލަމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް އާންމުން ވެސް ހިފަހައްޓަން ޖެހޭނެ ކަމަށާއި އެއާ ޚިލާފްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެ ކޮމިޝަނުން އަޅާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ވެސް ހަރަކާތްތެރިވާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ފިރަތަމަ ފަހަރަށް ފަނޑިޔާރެއްގެ މައްސަލައެއް އާންމުންނަށް ހުޅުވާލައިގެން ވަގުތުން ދުރަށް ދައްކާ ފުރަތަމަ ފަހަރެވެ.
ފަނޑިޔާރު ދީދީގެ މައްސަލައިގެ ތަހުގީގު މާދަމާ ފަށަން ޖޭއެސްސީން ނިންމި އިރު، ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަަތުކުރެވޭ ސުލޫކީ މައްސަލަ، ސްޕްރީމް ކޯޓުން ބަލައި އެކަމަށް ގޮތެއް ކަނޑައެޅުމުގެ ކުރިން ފަނޑިޔާރު ދީދީގެ މައްޗަށް ޖޭއެސްސީން ނިންމި ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށާއި އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް ސްޕްރީމް ކޯޓުގެ އެނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، ޖޭއެސްސީގެ ނިންމުން ދެމިއޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.