ޝަހީދާ އަބްދުﷲ ސައީދު
މާލެ އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބުގެ މައްސަލަ ވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަޙީނު މިރޭ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދާ ގުޅޭގޮތުން އެކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ޒަހީން ވިދާޅުވީ ކޮމިޝަނުން ޝަކުވާތައް ބަލައިގަނެ، ޖޭއެސްސީގެ ކޮމެޓީން ރާޣިބުގެ މައްސަލަ ބަލަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރާޣިބުއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް ޒަހީން ވިދާޅެއް ނުވެއެވެ.
އަދި އޭގެ އިތުރުން ކޮމިޝަނުން ބަލަމުންދާ ބައެއް ޝަކުވާތައްވެސް އެބަހުރި ކަމަށާއި އެހުރިހާ މައްސަލަތައް ފަސް މެންބަރުން ހިމެނޭ ކޮމެޓީއަކަށް ފޮނުވަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު އަބްދުއްރައޫފު އިބްރާހީމާއި މެންބަރު މުހަައްމަދު އީސާފުޅާއި މެންބަރު އިބްރާހީމް ރިފްއަތާއި މެންބަރު އަލްއުސްތާޛާ ހިސާން ހުސައިނެވެ.
ޒަހީން ވިދާޅުވީ ރާޣިބާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރަމުންދާނީ އެ ކޮމިޝަނުން ކަމަށެވެ.