ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން ސަރުކާރުގައި އެދިއްޖެއެވެ.

ހިރިލަންދޫ ކައުންސިލުން އެރަށު ބިމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިރިލަންދޫގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އަދި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތު ކައުންސިލުން ވަނީ ނައިބު ރައީސާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކޮށްދިނުމަށާއި، ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ބަހައްޓުމުގެ މުހިންމުކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުން، ރަށުގެ ސިއްހީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތު ކައުންސިލުން ނައިބު ރައީސާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން ކައުންސިލުން ފާހަގަކުރި މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިޖުތިމާއީ އަދި ތަރައްގީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި، ކައުންސިލުން ވީހާވެސް ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ކައުންސިލް މެންބަރުންނަށް އެރުވިއެވެ.