ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ރެޑް ކްރެސެންޓްގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ ހިއްސާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ 10 ބްރާންޗް ހަރަކާތްތެރިވަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ރާއްޖޭގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި މޯލްޑިވްސް ރެޑް ކްރެސެންޓުން ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ނޫރާއާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބޯޑް މެމްބަރު އާރިފް ރަޝީދާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.