ޚަބަރު

ފެމިލީ ކޯޓުގެ ގާޒީގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފި

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ފެމިލީ ކޯޓުގެ މުވައްޒަފެކެވެ.

ހުޒައިފާގެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅާފައިވާއިރު، އެ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން އިސް ގާޒީ މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން މާދަމާ ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.